ޢީދު ވެދުމާ ދިއުމުގެ ފޯރިގަދަ ހަރަކާތާއެކު "މާކުރަތު އެކުވެރި ޢީދު 1446"ގެ ހަރަކާތްތައް ފަށައިފިއެވެ.

މި އަހަރުގެ އަޞްހާ ޢީދު ކުލަގަދަކޮށް ކުރިއަށް ގެންދިއުމުގެ ގޮތުން މާކުރަތުގައި ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. އެގޮތުން ޢީދު ވިލޭރޭ ޢީދު ވެދުމާ ދިއުމުގެ ހަރަކާތާއެކު ޢީދުގެ ކުޅިވަރުތައް ރަސްމީކޮށް ވަނީ ފަށާފައެވެ.

"މާކުރަތު އެކުވެރި ޢީދު 1446"ގެ ތާވަލުގައި ވާގޮތުން ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހަވާ އެރުވުން، ސްޓޭޖް ޝޯވ، ކޯޑި، ނައު ކެނޑުން، ފެންކުޅި، ބޮޑުމަސް، ބައިބަލާ މުބާރާތް، މަސް ރޭސް ހިމެނެއެވެ. މީގެ އިތުރުން ޚާއްސަ ޖާފަތެއް ބޭއްވުމާއި ބާބަކިއުވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މާކުރަތު އެކުވެރި ޢީދު 1446: ޢީދު ވެދުމާ ދިއުން | ފޮޓޯ: މާކުރަތު ކައުންސިލް
އަޞްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން މިރޭ މާކުރަތު އުތުރު ބަނދަރުގައި ހަވާއެރުވުމުގެ ހަރަކާތް ކުރިއަށް ގެންދާނެއެވެ. ހަވާއެރުވުން ކުރިއަށް ދަނީ 21:00ގައެވެ. ހަވާ އެރުވުމާއެކު ސްޓޭޖް ޝޯވ ވެސް ކުރިއަށް ގެންދާނެއެވެ.

މި އަހަރުގެ އަޞްޙާ ޢީދަކީ ގިނަ އަހަރުތަކަކަށްފަހު މުޅި މާކުރަތުގެ އެންމެހާ ރައްޔިތުން ގުޅިގެން  ފާހަގަކުރާ ފުރަތަމަ ޢީދެވެ. އެހެންކަމުން މިއަރުގެ ޢީދަކީ މާކުރަތުގެ ތާރީޚުގައި ވަރަށް ފާހަގަކޮށްލެވޭ ޢީދަކަށް ވެގެން ދާނެއެވެ.