2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މާކުރަތުގެ މަގު ހެދުމުގެ މަޝްރޫޢު ހިމަނައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މާކުރަތުގެ މަގުތައް ތަރައްޤީ ކުރުމަށް ހިމަނާފައިވަނީ 3.9 މިލިއަން ރުފިޔާއެވެ. މި މަސައްކަތަށް ޖުމްލަ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 3،984،064 (ތިން މިލިއަން ނުވަ ލައްކަ އަށްޑިހަ ހަތަރުހާސް ފަސްދޮޅަސް ހަތަރު)ރުފިޔާއެވެ.

މާކުރަތުގެ ބޮޑެތި މަގުތައް ތަރައްޤީ ކުރުމަކީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދު ފުޅެކެވެ.

މާކުރަތުގެ މަގުތައް ހެދުމުގެ އިތުރުން ދެން އަލަށް ފަށާ މަސައްކަތެއްގެ ގޮތުގައި ހިމަނާފައިވަނީ ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމެވެ.

މާކުރަތުގައި އަލަށް ފެށުމަށް ބަޖެޓު ކުރެވުނު ޕްރޮޖެކްޓްތަކުގެ އިތުރުން މިހާރު ހިނގަމުންދާ ޕްރޮޖެކްޓްތަކާއި ޓެންޑަރިންގ އަދި ޕްރީޓެންޑަރިންގ ގައި ހުރި ޕްރޮޖެކްޓްތަކަށް ޖުމްލަ 12.3 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް 2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވެއެވެ.