ރ. މާކުރަތުން ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު މާކުރަތު ކައުންސިލުން ހުޅުވާލައިފިއެވެ.

މާކުރަތުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ 3 ސަރަޙައްދަކުން ޖުމްލަ 51 ބަންޑާރަ ގޯއްޗެވެ. މާކުރަތު ކައުންސިލުން ބުނީ އެ ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުޞޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް ޝަރުތު ހަމަވާ ފަރާތްތަކުން 2024 ޖަނަވަރީ 21 ވާ އާދީއްތަ ދުވަހުންފެށިގެން 2024 ފެބްރުއަރީ 08 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އެ އިދާރާއަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.

މާކުރަތުން ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތައް:

  • 1. ރ. މާކުރަތު ސެއާލިން އެވެ ކިޔާ ގޯތީގެ އިރުމަތިން (02 ގޯތި 1963 އަކަފޫޓް)
    • 2. ރ. މާކުރަތު ހަސްތީއެވެ ކިޔާގޯތީގެ އިރުމަތިން ( 04 ގޯތި 2072 އަކަފޫޓް)
    • 3. ރ. މަކުރަތު އަރުތަ އެވެ ކިޔާ ގޯތީގެ އިރުމަތިން ( 06 ގޯތި 2100 އަކަފޫޓް)
    • 4. ރ. މާކުރަތު ޗަނބޭލީމާއެވެ ކިޔާ ގޯތީގެ އިރުމަތިން ( 3 ގޯތި 2101 އަކަފޫޓް)
    • 5. ރ. މާކުރަތު ފެހިވިނަ އެވެ ކިޔާ ގޯތީގެ ހުޅަނގުން (3 ގޯތި 2014 އަކަފޫޓް، 8 ގޯތި 2165 އަކަފޫޓް)
    • 6. ރ. މާކުރަތު އުދަ އެވެ ކިޔާ ގޯތީގެ ހުޅަނގުން (10 ގޯތި 2047 އަކަފޫޓް)
    • 7. ރ. މާކުރަތު ޖަރަލްގެ އެވެ ކިޔާ ގޯތީގެ އިރުމަތިން (8 ގޯތި 2145 އަކަފޫޓް. 1 ގޯތި 2000 އަކަފޫޓް، 6 ގޯތި 2082 އަކަފޫޓް)

މާކުރަތުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙަދުތަކުގެ ޗާރޓް | ފޮޓޯ: ކައުންސިލް
ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކުން ފޯމާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ، ކާޑު ނެތްނަމަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ސާފު ކޮޕީ އާއި 

  • ކައިވެނި ކޮށްގެން ހުރިނަމަ ކައިވެނީގެ ސެޓްފިކެޓްގެ ސާފު ކޮޕީ ނުވަތަ ތާރީޚް އެނގޭނެފަދަ ރަސްމީ ލިޔުމެއް، އެއްކައިވެންޏަށްވުރެ ގިނަކައިވެނި ކޮށްފައިވާނަމަ އެމައުލޫމާތު އެނގޭނެ ލިޔުންތައް، ވަރިކޮށްފައިވާނަމަ ވަރީގެ ސެޓްފިކެޓްތަކުގެ ސާފު ކޮޕީ އަދި ގޯއްޗަށްއެދޭމީހާ ވޭތުވެދިޔަ 5 އަހަރުތެރޭގައި ދިރިއުޅުނު ތަންތަނުގެ ތަފްސީލް (ރަށުން ބޭރުގައި ދިރިއުޅުނު ނަމަ ރަށުންބޭރުގައި ދިރިއުޅުނު ސަބަބާއި ބޭނުން ބަޔާންކޮށް) ލިޔެފައިވާ ލިޔުމަކާއި އުފަންދަރިންނާއި، ޝަރުއީގޮތުން އަދި އެނޫންވެސް ގޮތަކުން ބަލަމުންދާ ކުދިންގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ ނުވަތަ އުފަން ދުވަހުގެ ސެޓްފިކެޓްގެ ސާފު ކޮޕީ، އަދި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ބަލަމުންދާނަމަ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްކަން އަންގައިދޭ ލިޔުން ހުށަހަޅަން ޖެހޭނެއެވެ. މީގެ އިތުރުން ފޯމު ހުށަހަޅާއިރު ވެރިފަރާތަށް ޙާޟިރުވެވެން ނެތްނަމަ ބަދަލުގައި ހާޒިރުވާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ ނުވަތަ ކާޑުގެ ނަންބަރު އެނގޭނެފަދަ ރަސްމީ ލިޔުމަކާއި ގޯއްޗަށް އެދޭފަރާތުގެ ބަދަލުގައި ހާޒިރުވި މީހެއްކަން އެނގޭނެފަދަ ސިޓީއެއް ހުށަހަޅަން ޖެހެއެވެ. ބަދަލުގައި ހާޒިރުވާ މީހާ ހުށަހަޅާ ފޯމުގައިވާ މައުލޫމާތައް އެއްވެސް ބަދަލެއް ގެނެވޭނީ ގޯއްޗަށް އެދޭމީހަގެ ޕަވަރ އޮފް އެޓަރނީ އޮވެގެން ކަމަށް މާކުރަތު ކައުންސިލުން ބުނެއެވެ.
  • ބަންޑާރަގޯތި ދޫކުރުމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 4009830/ 4009835 ށް ގުޅުމަށް ކައުންސިލުން އެދެއެވެ.

މީގެ ކުރިން 2020 ވަނަ އަހަރުވެސް މާކުރަތުން ބަންޑާރަ ގޯތި ދޫކުރުމަށް އިޢުލާނު ކުރިއެވެ. އެ ފަހަރު ރަށުގެ 2 ސަރަޙައްދަކުން 42 ގޯތި ދޫކުރުމަށް އޭރުގެ ކައުންސިލުން ނިންމި ނަމަވެސް އެ އިޢުލާނާއެކު ގޯތި ދޫކުރާނެ ވަކި އުސޫލެއް ކަނޑައަޅާފައެއް ނުވެއެވެ. އެހެން ކަމުން އެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ފޯމުތައް ބާޠިލު ވާނެ ކަމަށް މާކުރަތު ކައުންސިލުން ވަނީ ބުނެފައެވެ.