ދިރާސީ އައު އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހަށް ބަދަލުކޮށް އަންނަ އަހަރުގެ ޑިސެމްބަރ މަހު ބޮޑު ޗުއްޓީ ކެބިނެޓް ބައްދަލުވުމުގައި ފާސްކޮށްފިއެވެ.

ކެބިނެޓް ބައްދަލުވުމުގެ މަޢުލޫމާތު ނޫސްވެރިންނާ ޙިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

"2025ވަަނަ އަހަރުގެ ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭނެ. އެއީ އެންމެ ކުރިން އަޅުގަނޑުމެން ސްކޫލުގައި އުޅުނުއިރު ކަން ހިނގައިދިޔަ ގޮތަށް. އަދި ހަމައެއާއެކު 2026ވަނަ އަހަރުގެ އެކެޑަމިކް ކަލަންޑަރު ފެށިގެންދާނީ ޖެނުއަރީ މަހުގެ، ހަމަ އާންމުކޮށް އަޅުގަނޑުމެން ކުރިން ވެސް ފަށަމުން ދިޔަ އުސޫލަށް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިގޮތަށް ބަދަލުކުރުމުން، ދަރިވަރުންނަށް ޖުލައި މަހު ތިން ހަފްތާގެ ޗުއްޓީއެއް ލިބި، ޑިސެމްބަރ މަހު ހަތަރު ހަފްތާގެ ޗުއްޓީއެއް ލިބިގެން ދާނެ ކަމަށެވެ.

ދިރާސީ އައު އަހަރު ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ނާޒިމް ވިދާޅުވީ، އައު އަހަރުގެ ކިޔެވުން ފެށުން ޖެނުއަރީއަށް ބަދަލުކުރުމަށް ރޭވިފައިވަނީ ކުއްލިއަކަށް އެ ބަދަލު ނުގެނެސް ތައުލީމީ ކަލަންޑަރަށް ވީހާވެސް މަދުން އިސްލާހުތަށް ގެނެސް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެކަމަށް ހައްލު ލިބޭގޮތަށް ކަމަށެވެ. އަދި އޭގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެ ގޮތަކަށް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގައި ކުރެވުނު މަޝްވަރާގެ ތެރެއިން ސްކޫލުގެ ބޮޑު ޗުއްޓީ އަންނަ އަހަރުގެ ޑިސެމްބަރު މަހު  ލިބޭނެ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.