މީގެ އެތަކެއް އަހަރެއް ކުރިން ފެށިގެން ކުރިއަށް ގެންދާ މާކުރަތު ސްކޫލް އިންޓަރ ހައުސް ފުޓްސަލް މުބާރާތް މިއަހަރުވެސް އޮންނާނެ ކަމަށް މާކުރަތު ސްކޫލްގެ ސްޕޯޓްސް ކުލަބުން ވިދާޅުވެއްޖެއެވެ. މިއީ މާކުރަތު ސްކޫލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ 19 ވަނަ ފުޓްސަލް މުބާރާތެވެ. އަދި 3 ވަނަ ހޭންޑްބޯލް މުބާރާތެވެ.

މި އެކެޑެމިކް އަހަރުގެ ހޭންޑްބޯލް މުބާރާތް މި އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ވަނީ ފަށާފައެވެ. އަންހެން ކުދިންނަށް ހާއްސާކޮށްގެން ކުރިއަށް ގެންދާ ހޭންޑްބޯލް މުބާރާތް އަދި ފިރިހެން ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ފުޓްސަލް މުބާރާތް ވަނީ 2 ބަޔަކަށް ބަހާލެވިފައެވެ. އެއީ ސީނިއާ އަދި ޖޫނިއާ ޓީމްތަކެވެ. ފުޓްސަލް އަދި ހޭންޑްބޯލްގެ 2 ސެކްޝަނުގައިވެސް ތިން ޓީމަކުން ބައިވެރިވެއެވެ. އެއީ ޣާޒީ ހައުސްއާއި ހުރަވީ ހައުސްގެ އިތުރުން އިސްކަންދަރު ހައުސްއެވެ.

2022-2023 ވަނަ އަހަރުގެ އިންޓަރ ހައުސް ފުޓްސަލް މުބާރާތުގެ ތެރެއިން | ފޮޓޯ: މާކުރަތު ސްކޫލް

އެންމެ ފަހުން ކުޅެވުނު މިމުބާރާތުގެ ތަށި ކާމިޔާބު ކުރީ އިސްކަންދަރު ހައުސްއުންނެވެ. އަދި ހޭންޑްބޯލްގެ ތަށި ހުރަވީ ހައުސްއުން ވަނީ ކާމިޔާބުކޮށްފައެވެ. މި އެކަޑަމިކް އަހަރުގެ ފުޓްސަލް މުބާރާތުގެ ސީނިއާ ޓީމުތަކުގެ ތެރެއިން އިސްކަންދަރު ހައުސް ތަށި ކާމިޔާބުކޮށްފި ނަމަ އެޓީމަށް އެތަށި މިލްކުވެގެން ދިޔުމާއި އެކު ހޭންޑްބޯލް މުބާރާތުގެ ތަށި މިލްކު ކުރުމުގެ ފުރުޞަތު ސީނިއާ ހުރަވީ ހައުސް ޓީމަށް ބޮޑުވާނެއެވެ. މީގެ އިތުރުން ފިރިހެން ކުދިންގެ ޖޫނިއާ އަދި ސީނިއާ ފުޓްސަލް މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ސީދާ ތާރީހެއް ކަނޑައެޅިފައި ނުވާކަމަށް މާކުރަތު ސްކޫލުގެ ސްޕޯޓްސް ކުލަބުން ވިދާޅުވެފައިވެއެވެ. ނަމަވެސް ނުފެށި ހުރި މުބާރާތްތައް އެންމެ ލަސްވެގެން މިއަހަރުގެ ޑިސެމްބަރު މަސްތެރޭގައި ފެށޭވަރު ވާނެކަމަށް އެކުލަބުން ބުނެފައިވެއެވެ.