އަރޮޅި ހޮލިޑޭ ކަޕް 2023 ގެ ފައިނަލަށް ރައިޑާރސް އެފްޓީ އަދި ރޯޅި އެފްސީ ދަތުރުކޮށްފިއެވެ.
މާކުރަތު ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މި މުބާރާތުގެ މިއަހަރުގެ ފައިނަލަށް ރައިޑާރސް އެފްޓީ ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ، 7 ޕޮއިންޓާއި ފައިދާ 3 ގޯލާކުގައެވެ. އަދި ރޯޅި އެފްސީ މި މުބާރާތުގެ ފައިނަލަށްް ދަތުރުކުރީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ހޯދި 6 ޕޮއިންޓާ އެކުގައެވެ. ރޯޅި އެފްސީއަށްވެސް ފައިދާ 3 ގޯލު ލިބިފައި ވެއެވެ.
މުބާރަތުގެ ޕޮއިންޓް ތާވަލަށް ބަލާލާއިރު ތާވަލްގެ އެއްވަނައިގައި މިހާރު އޮތީ ރައިޑާރސް އެފްޓީއެވެ. ރައިޑާރސް އެފްޓީ ތާވަލްގެ އެއްވަނައަށް އަނެއްކާވެސް ޖެހިލީ އިއްޔެ ކުޅުނު މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑާއެކު ޖުމްލަ 7 ޕޮއިންޓާއި ފައިދާ 3 ގޯލާއެކުގައެވެ. ތާވަލްގެ ދެވަނައިގައި އޮތް ރޯޅި އެފްސީއަށް ލިބިފައި ވަނީ 6 ޕޮއިންޓެވެ. ހޮލިޑޭ ކަޕްގެ މިއަހަރުގެ މުބާރާތުގައި އެންމެ ހިތި ތަޖުރިބާއެއް ކުރަންޖެހުނު ޓީމަކީ ސަދަން އެފްސީއެވެ. އެ ޓީމު މުބާރާތާ އަލްވަދާޢު ކިޔާފައިވަނީ ކުޅުނު އެއްވެސް މެޗެއްގައި ލަނޑެއް ނުޖެހި މައިނަސް 4 ލަނޑާއެކުގައެވެ.
ހޮލިޑޭ ކަޕްގެ މި އަހަރުގެ މެއިން ސްޕޮންސަރ އަކީ އަރޮޅި މޯލްޑިވްސްއެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި ސެޓްލިންކް، ބޮޑު ހިޔާ އިންވެސްޓްމެންޓް، ސަމާލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަމިއްލަ ފާރާތްތައްވެސް ހިމެނެއެވެ.