އަރޮޅި ހޮލިޑޭ ކަޕް 2023 ފުޓުބޯޅަ މުބާރާތުގެ 5 ވަނަ މެޗުގައި ރޯޅި އެފްސީ އަދި ރުއްގަނޑު އެފްސީ ބައްދަލުކުރާ މެޗު މިއަދު ހަވީރު އޮންނާނެއެވެ.

މުބާރާތުގެ މިހާތަނަށް އައި އިރު ދެ ޓީމުންވެސް ވަނީ ދެ މެޗު ކުޅެފައެވެ. އޭގެތެރެއިން ރޯޅި އެފްސީއިން ވަނީ ރައިޑާރސް އެފްޓީ އަދި ސަދަން އެފްސީ އާއެކު މެޗުތައް ކުޅެފައެވެ. ރޯޅި އެފްސީ ރައިޑާރސް އާ ބައްދަލުކުރި މެޗު 1-3 ގެ ނަތީޖާއިން ނިމުނުއިރު އެ ޓީމުން ސަދަން އެފްސީއާއެކު ކުޅުނު މެޗު 0-3 ގެ ނަތީޖާއިން ކާމިޔާބުކުރިއެވެ. މުބާރާތުގެ ޕޮއިންޓް ތާވަލަށް ބަލާއިރު 3 ޕޮއިންޓާއި ފައިދާ ގޯލަކާއެކު ރޯޅި އެފްސީ އޮތީ ތާވަލްގެ ދެވަނާގައެވެ.

މިއަދުގެ މެޗުގައި އަނެއްކޮޅުން ނުކުންނަ ރުއްގަނޑު އެފްސީންވެސް ވަނީ މި މުބާރާތުގައި މިހާތަނަށް ދެ މެޗު ކުޅެފައެވެ. ރުއްގަނޑުގެ ފުރަތަމަ މެޗު ސަދަން އެފްސީއާ ދެކޮޅަށް ކުޅެ މެޗު ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ރުއްގަނޑުގެ ދެވަނަ މެޗުގައި ރައިޑާރސް އާދެކޮޅަށް ކުޅެ މެޗު ނިންމާލީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރު ވެގެންނެވެ. ޕޮއިންޓު ތާވަލަށް ބަލާއިރު ރުއްގަނޑު އެފްސީ އޮތީ 2 ޕޮއިންޓާއެކު ތާވަލްގެ 3 ވަނާގައެވެ. މިއަދުގެ މެޗުން މޮޅުވާ ޓީމު މުބާރާތުގެ ފައިނަލަށް ދަތުރުކުރާއިރު، ބަލިވާ ޓީމު މުބާރާތާ އަލްވަދާއު ކިޔަން ޖެހޭނެއެވެ. އެހެންކަމުން މިއަދު ކުޅޭ މެޗަކީ ދެ ޓީމަށްވެސް ވަރަށް މުހިއްމު މެޗެކެވެ.

އަރޮޅި ހޮލިޑޭކަޕް 2023 ޕޮއިންޓް ތާވަލް | ގުރެފިކްސް: މާކުރަތު ނިއުސް

އަރޮޅި ހޮލިޑޭ ކަޕް 2023ގެ ތާވަލްގެ އެއްވަނާގައި އޮތީ ރައިޑާރސް އެފްޓީއެވެ. މުބާރާތުގެ ތާވަލްގެ އެއްވަނައިގައި ރައިޑާރސް އޮތީ 4 ޕޮއިންޓާއި ފައިދާ ދެ ގޯލާއެކުގައެވެ.

އަރޮޅި ހޮލިޑޭ ކަޕް 2023 ފުޓުބޯޅަ މުބާރާތުގެ ފައިނަލްމެޗު އޮންނާނީ 22 އޮކްޓޯބަރ ވާ އާދީއްތަ ދުވަހުއެވެ. މި މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުޅެމުން އަންނަނީ މާކުރަތު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.

މާކުރަތު ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ހޮލިޑޭ ކަޕްގެ 9 ވަނަ މުބާރާތުގައި މިއަހަރު ޖުމްލަ 4 ޓީމަކުން ބައިވެރިވިއެވެ. މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ތެރޭގައި ހިމެނެނީ ރައިޑާރސް އެފްޓީ އާއި ރޯޅި އެފްސީ އަދި ސަދަން އެފްސީގެ އިތުރުން ރުއްގަނޑު އެފްސީއެވެ.

މާކުރަތު ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މި މުބާރާތުގެ މި އަހަރު މެއިން ސްޕޮންސަރ އަކީ އަރޮޅިއެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި ސެޓްލިންކް، ބޮޑު ހިޔާ އިންވެސްޓްމެންޓް، ސަމާލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަމިއްލަ ފާރާތްތައްވެސް ހިމެނެއެވެ.