ރުއްގަނޑު އެފްސީ ކަޓުވާލާ އަރޮޅި ހޮލިޑޭ ކަޕް 2023 ގެ ފައިނަލަށް ރޯޅި އެފްސީ ދަތުރުކޮށްފިއެވެ.

އަރޮޅި ހޮލިޑޭ ކަޕް 2023 ފުޓުބޯޅަ މުބާރާތުގައި  ރޯޅި އެފްސީއާއި ރުއްގަނޑު އެފްސީ ބައްދަލުކުރި މެޗު ރޯޅި އެފްސީއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފް ނިންމާލީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެޓީމުންވެސް ވަރުގަދަ ހަމަލާތަކެއް އުފައްދަމުންދިޔަ މެޗުގެ ނަތީޖާ ރޯޅި އެފްސީ ކޮޅަށް އަނބުރާލީ އެ ޓީމުގެ ޖާޒީ ނަމްބަރު 22 މުޙައްމަދު އިޝާމް އެ ޓީމަށް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ދެ ކުޅުންތެރިން ކައިރިން ނެއްޓުމަށްފަހު ކީޕަރުވެސް ބީޓުކޮށް ޝާންޓޭ މި ލަނޑު ކާމިޔާބު ކުރީ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ.

ރޯޅި އެފްސީގެ ދެވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖޯޒީ ނަމްބަރު 96 މޫސާ ސާހިލްއެވެ. މި ނަތީޖާއާއެކު އަރޮޅި ހޮލިޑޭކަޕް 2023 ގެ ފައިނަލަށް ދަތުރުުކުރިއިރު، ރުއްގަނޑު އެފްސީ ވަނީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން މޮޅު ނުވެ މިއަހަރުގެ މުބާރާތާ އަލްވަދާއު ކިޔާފައެވެ.

އަރޮޅި ހޮލިޑޭކަޕް 2023 ޕޮއިންޓް ތާވަލް | ގުރެފިކްސް: މާކުރަތު ނިއުސް

އަރޮޅި ހޮލިޑޭކަޕް 2023 ގެ ޕޮއިންޓް ތާވަލަށް ބަލާލާއިރު ތާވަލްގެ އެއްވަނައިގައި މިހާރު އޮތީ ރޯޅި އެފްސީއެވެ. ރޯޅި އެފްސީ ތާވަލްގެ އެއްވަނައަށް ޖެހިލީ މިއަދު ކުޅުނު މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ޖުމްލަ 6 ޕޮއިންޓާއި ފައިދާ 3 ގޯލާއެކުގައެވެ. ތާވަލްގެ ދެވަނައިގައި އޮތް ރައިޑާރސް އެފްޓީއަށް ލިބިފައި ވަނީ 4 ޕޮއިންޓެވެ.

މި މުބާރާތުގެ ފައިނަލްގެ ކުރިން ކުޅޭ އެންމެ ފަހު މެޗުގައި ބައްދަލުކުރާނީ ރައިޑާރސް އެފްޓީއާއި ސަދަން އެފްސީއެވެ.

އަރޮޅި ހޮލިޑޭ ކަޕް 2023 ފުޓުބޯޅަ މުބާރާތުގެ ފައިނަލްމެޗު އޮންނާނީ 22 އޮކްޓޯބަރ ވާ އާދީއްތަ ދުވަހުއެވެ. މި މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ކުޅެމުން އަންނަނީ މާކުރަތު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް މާކުރަތު ސްޕޯޓްސް ކްލަބްގެ ފޭސްބުކް ޕޭޖުން ލައިވްކޮށް ފެނިގެން ދާނެއެވެ.

މާކުރަތު ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ހޮލިޑޭ ކަޕްގެ 9 ވަނަ މުބާރާތުގައި މިއަހަރު ޖުމްލަ 4 ޓީމަކުން ބައިވެރިވިއެވެ. މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ތެރޭގައި ހިމެނެނީ ރައިޑާރސް އެފްޓީ އާއި ރޯޅި އެފްސީ އަދި ސަދަން އެފްސީގެ އިތުރުން ރުއްގަނޑު އެފްސީއެވެ.

މާކުރަތު ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މި މުބާރާތުގެ މި އަހަރު މެއިން ސްޕޮންސަރ އަކީ އަރޮޅިއެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި ސެޓްލިންކް، ބޮޑު ހިޔާ އިންވެސްޓްމެންޓް، ސަމާލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަމިއްލަ ފާރާތްތައްވެސް ހިމެނެއެވެ.