ރޯޅި އެފްސީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކޮށް މިއަހަރުގެ ހޮލިޑޭ ކަޕްގައި ކުޅޭ އެ ޓީމުގެ ކުޅުންތެރިންނަށް ޖޯޒީ ހަވާލުކޮށްފިއެވެ.

ރޯޅި ފުޓުބޯޅަ ކުލަބުގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކޮށް އެ ޓީމުގެ ކުޅުންތެރިންނަށް ޖޯޒީ ހަވާލުކޮށްފައިވަނީ މާކުރަތު އިޖްތިމާއީ މަރުކަޒުގައި އެކަމަށް ޚާއްސަކޮށް ކުރިއަށް ގެންދިޔަ ޙަފްލާއެއްގައެވެ.

ރޯޅި އެފްސީގެ ޖޯޒީ ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: މުޙައްމަދު ސާދިން
ރޯޅި ފުޓުބޯޅަ ކުލަބުން ވަނީ މިއަދު ފަށާ އަރޮޅި ހޮލިޑޭ ކަޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވެފައެވެ. މާކުރަތުގައި އެންމެ ފޯރިގަދަކޮށް ކުޅޭ ފުޓުބޯޅަ މުބާރާތުގައި ރޯޅި އެފްސީއިން ކޮންމެ އަހަރަކުވެސް އަންނަނީ ބައިވެރިވަމުންނެވެ. ރޯޅި އެފްސީއަކީ 2007 ވަނަ އަހަރު ވުޖޫދުކޮށް ފުޓުބޯޅަ ޓީމެއްގެ ގޮތުގައި މާކުރަތުގައި ހަރަކާތްތެރިވަމުން އަންނަ ކުލަބެކެވެ.
ރޯޅި އެފްސީގެ ޖޯޒީ ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: މުޙައްމަދު ސާދިން
ރޯޅި އެފްސީއިން މި އަހަރުގެ ހޮލިޑޭ ކަޕްގައި ބައިވެރިވިއިރު، މިއީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކޮންމެ އަހަރަކު ކުޅެމުންއައި މި މުބާރާތް މެދު ކަނޑާލީ މާކުރަތު ރަސްމީ ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢު ފެށުމާ ގުޅިގެންނެވެ. ރޯޅި އެފްސީއަކީ ހޮލިޑޭ ކަޕްގައި ބައިވެރިވެ މޮޅު ކުޅުމެއް ކުޅެމުން އަންނަ ކާމިޔާބު ކުލަބެކެވެ.

މާކުރަތު ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ހޮލިޑޭ ކަޕްގެ މިއަހަރުގެ މުބާރާތުގެ އޯޕަނިންގ މެޗުވެސް ކުޅޭނީ ރޯޅި އެފްސީއެވެ. އިދިކޮޅުން ބައްދަލު ކުރާނީ ރައިޑާރސް އެފްޓީއެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 4:00 ގައެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާކުރަތު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 4 ޓީމަކުން ބައިވެރިވެފައި ވެއެވެ. އޭގެތެރޭގައި ރޯޅި އެފްސީގެ އިތުރުން ދެން ހިމެނެނީ ސަދަން އެފްސީ އަދި ރައިޑާސް އެފްޓީގެ އިތުރުން ރުއްގަނޑު އެފްސީއެވެ.