މާކުރަތު ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ 9 ވަނަ ހޮލިޑޭ ކަޕް މިމަހުގެ 13 ވަނަ ދުވަހު ފަށާނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.
އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މި އަހަރު 4 ޓީމަކުން ބައިވެރިވެފަވެއެވެ. މާކުރަތު ސްޕޯޓްސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މި މުބާރާތުގެ މި އަހަރު މެއިން ސްޕޮންސަރ އަކީ އަރޮޅިއެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީވެސް އަރޮޅި ހޮލިޑޭ ކަޕް ފުޓުބޯޅަ މުބާރާތް 2023 ގެ ނަމުގައެވެ.
އަރޮޅި ހޮލިޑޭ ކަޕް ފުޓުބޯޅަ މުބާރާތް 2023 ގައި ބައިވެރިވެފައިވާ ޓީމުތަކުގެ ތެރޭގައި ހިމެނެނީ ރޯޅި އެފްސީ އާއި ސަދަން އެފްސީ އަދި ރައިޑާސް އެފްޓީގެ އިތުރުން ރުއްގަނޑު އެފްސީއެވެ.
އަރޮޅި ހޮލިޑޭ ކަޕް ފުޓުބޯޅަ މުބާރާތް 2023 ގެ އިތުރު ސްޕޮންސަރުންގެ ތެރޭގައި ސެޓްލިންކް، ބޮޑު ހިޔާ އިންވެސްޓްމެންޓް، ސަމާލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަމިއްލަ ފާރާތްތައްވެސް ހިމެނެއެވެ.
މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާކުރަތު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.
ހޮލިޑޭ ކަޕަކީ މާކުރަތުގައި ފޯރިއާއެކު ކުޅެމުން އަންނަ އެންމެ ގިނަ ދުވަސްވީ އެއް ފުޓުބޯޅަ މުބާރާތެވެ.