މާކުރަތުގެ ބިން ހިއްކާ ރަށުގެ ބައެއް މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި މާކުރަތަށް ވަޑައިގެން ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ މާކުރަތުގެ ބިން އިތުރަށް ހިއްކާ ބިން ބޮޑުކޮށް ހައުސިިންގ ޔުނިޓް ޤާއިމްކޮށްދެއްވާނެ ކަމަށެވެ. އަދި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތާރު އަޅުއްވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިރަށުގެ ބިން އިތުރަށް ހިއްކާ، ބިން ބޮޑުކޮށް، ރައްޔިތުންނަށް ބޭނުންވާ ހައުސިން ޔުނިޓް އިރާދަކުރެއްވިއްޔާ މިރަށުގައި އަޅުގަނޑުމެން އަޅައިދޭނަން. އަދި ރަށުގައި ފެން ބޮޑުވާ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ތާރު އަޅައި އެކަން އަޅުގަނޑުމެން ކޮށްދޭނަން. ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ ބިން ހިއްކުމާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މި ދައުރު ނިމުމުގެ ކުރިން އެމްޓީސީސީ ނުވަތަ އާރުޑީސީއާ ހަވާލުކޮށްދެއްވާނެ ކަމަށެވެ.
މީގެއިތުރުން އަންނަ ދައުރުގެ ތެރޭގައި މާކުރަތުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުތައް ރައީސް ވަނީ އިޢުލާން ކުރައްވާފައެވެ. އޭގެތެރޭގައި ސްޕޯޓް ކޮމްޕްލެކްސްއެއް އެޅުމާއި، ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް އެޅުމާއި، ޞިއްޙީ މަރުކަޒުގައި ލެބޯޓްރީއެއް ޤާއިމްކުރުމުގެ އިތުރުން ދޯނި އެހެލާ ސަރަޙައްދެއް ހެދުން ހިމެނެއެވެ.
ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި މާކުރަތު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވާ ރަށުގެ ފުޓުބޯޅަ ދަނޑު ވަނީ ހުޅުއްވައިދެއްވާފައެވެ.