މާކުރަތުން ދިރިއުޅުމަށް ބޭނުންވާ ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށް "ގެވަޅު ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އުފެއްދުމަށް މާކުރަތު ކައުންސިލުން ނިންމައިފިއެވެ.
މާކުރަތު ކައުންސިލުން ބުނީ "ގެވަޅު ކޮމިޓީ" ގެ ނަމުގައި އުފައްދާ ކޮމިޓީގައި ސަރުކާރުގެ މުޢައްސަސާތަކާއި އާންމު ރައްޔިތުންގެ ތެރެއިން 2 މީހަކު ހިމަނާނެ ކަމަށެވެ. އަދި އެ ކޮމިޓީގެ ބޭނުމަކީ މީހުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގައި ނިންމަންޖެހޭ އެންމެހާ ނިންމުންތައް ނިންމާ، ކަމާގުޅޭ ފަރާތްތަކުގެ ބައިވެރިވުމާއި މަޝްވަރާއާއި، ޚިޔާލު ހޯދައި އިންސާފުވެރި ކަމާއެކު ގޯތި ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމެވެ.
މާކުރަތުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ފަށާފައިވާކަން ކަށަވަރުކޮށްދެއްވައި ކައުންސިލްގެ ރައީސް މުޙައްމަދު ރަމީޒް ވިދާޅުވީ ގޯތި ދޫކުރުމުގެ އުސޫލު މިހާރު ޑްރާފްޓްކޮށް ނިމިފައިވާ ކަމަށާއި "ގެވަޅު ކޮމިޓީ" އެކުލަވާލާ ނިމުމާއެކު ގޯތި ދޫކުރުމުގެ އުސޫލު ފާސްކޮށް އެކަން ޢިއުލާން ކުރާނެ ކަމަށެވެ.
މާކުރަތުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 51 ގޯއްޗެވެ. ނަމަވެސް ގޯތި ދޫކުރާ ސަރަޙައްދުތަކާއި ގޯތީގެ ބޮޑުމިން އަދި މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ.
މާކުރަތުން މީގެ ކުރިންވެސް ދިިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އިޢުލާންކޮށް އެތައް ބަޔަކު ގެވަޅަށް އެދި ފޯމު ހުށަހެޅިއެވެ. އެފަހަރު ދޫކުރުމަށް ނިންމާފައިވަނީ 72 ގޯއްޗެވެ. ނަމަވެސް އޭރު ރަށުގެ ލޭންޑްޔޫސް ޕްލޭން ހަދާފައި ނެތުމުން ގެވަޅު ދޫކުރުމުގެ ކަންކަން ސަރުކާރުން ހުއްޓުވީއެވެ.
"ގެވަޅު ކޮމިޓީ" ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ސެޕްޓެމްބަރުގެ ކުރިން މާކުރަތު ކައުންސިލަށް އެންގުމަށް އެ އިދާރާއިން ވަނި އެދިފައެވެ.