ދެން އަންނަ ދައުރަކަށް ހޮވި ވަޑައިގެންފި ނަމަ ޔޫތު މިނިސްޓްރީ އަދި ސްޕޯޓްސް ހިންގާނީ ވަކިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި، ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ލަންދޫ އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ކުޅިވަރާއި ޒުވާނުންނަށް މިހާރު ދެމުން އަންނަ ފޯކަސް އެހާ ރަނގަޅު ނޫން ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް މިއޮތް ދައުރުގައި މި ދެ ދާއިރާ ވަކިކޮށް ދެ މިނިސްޓްރީއެއްގެ ދަށަށްލައި ސިޔާސަތުތައް ތަންފީޒު ކުރަމުންގެންދާނަން." ރައީސް ސޯލިހް.

އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ 90 ޕަސަންޓަކީ މޫދު ކަމަށާއި މޫދު ކުޅިވަރުގެ ހަބަކަށް ރާއްޖެ ހަދައި މޫދު ކުޅިވަރު ތަރައްގީ ކުރުމަށް ވެސް އެމަނިކުފާނުގެ ދެވަނަ ދައުރުގައި އިސްކަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ކުޅިވަރާއި ޒުވާނުންގެ ސިޔާސަތުތައް މިހާރު ހިންގަމުން އަންނަނީ އެއް މިނިސްޓްރީއެއްގެ ދަށުންނެވެ.