ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ރަމަޟާން މަހުގެ ފަހު 10 ގައި ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކުގެ ގިނަ ގްރޭޑުތަކަށް ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. އޭދަފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޑރ. މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމް ދީނުގެމަތީގައި ތިބި ބައެއް ކަމަށާއި ދިވެހިންގެ ހުރިހާ ކަމެއް ބިނާވެގެން ވަނީ އިސްލާމް ދީނުގެ ސިޔާސަތުތަކުގެ މައްޗަށް ކަމަށެވެ.

"ދީނާ ދުރު މީހުން ކަންކަން ކުރީމަ، އެމީހުންނަށް އުނދަގޫވާނެ. އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެން ގަސްދު ކުރަނީ ރަމަޟާން މަހުގެ ފަހު 10 އެއީ ސަރުކާރު އެއްކޮށް ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅަން،"

މުއިއްޒު ވިދާޅުވީ މި ނިންމުމުގެ ސަބަބުން ރައްޔިތުންނަށް ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރެއްވޭނެ ކަމަށެވެ. އަދި އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާ އެކު އެ އަޅުކަން އަދާކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރާއި އިސްލާމީ ގައުމުތަކާ އޮތް ގުޅުން ހީނަރުވެފައިވާ ކަމަށާ، އެ ގައުމުތަކާ އެކު ގުޅުން ބަދަހި ކުރައްވާނެ ކަމަށެވެ. ހާއްސަކޮށް އަރަބި ގައުމުތަކާ ގުޅުން ބޭއްވުމުގެ މުހިންމު ކަން އޭނާ ފާހަގަ ކުރެއްވިއެވެ.