ކުދި އާބާދީތައް އޮތް ރަށްތައް ބާކީވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް އަތޮޅު ތެރެއަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ފޮއްދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ވާދަވެރި ފަރާތްތަކުން މިހާރުވެސް ބުނަމުން ގެންދަނީ އާބާދީ ބޮޑު ރަށްރަށަށް ތަރައްޤީ ގެނެސްދޭ ވާހަކަ ކަމަށެވެ. އެހެންކަމުން އެ ބޭފުޅުންނަށް ވެރިކަމަށް އާދެވިއްޖެ ނަމަ ކުދި އާބާދީތައް އޮތް ރަށްތައް ބާކީވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން ފަށާފައިވާ ތަރައްޤީގެ މަޝްރޫއުތައް އަނެއްކާވެސް ހުއްޓުމަށް އައިސް ރައްޔިތުން ބިކަވެ ހާލުގައި ޖެހޭ ދުވަހަކީ އެއްވެސް ގޮތަކަށް ދެކެން ބޭނުންވާ ދުވަހެއް ނޫން ކަމަށެވެ. އަދި އެދުވަހަކީ ދިވެހި އެންމެ ރައްޔިތަކުވެސް ދެކެން ބޭނުންވާނެ ދުވަހެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.