ރ. ދުވާފަރުގައި ހުއިފިލަނޑާ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ތިންމީހަކު ފިހިއްޖެއެވެ.

މާކުރަތު ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެދޯނީގައި އަލިފާނު ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި ދޯނީގައި ރޯވެފައިވަނީ އެ ދޯނި ސާފް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

ދުވާފަރުން މި ނޫހާ ވާހަކަ ދެއްކި ފަރާތަކުން ބުނެފައިވަނީ ބޮޑަށް ބެެލެވޭ ގޮތުގައި އަލިފާން ރޯވެފައި ވަނީ އެ ދޯނި ސާފް ކުރުމަށް ބޭނުން ކުރި ކެމިކަލެއްގެ ސަބަބުން ކަމަށެވެ.

ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ތިން މީހަކު ފިިހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ދުވާފަރަށް ނިސްބަތްވާ ޒުވާނެއްގެ އިތުރުން އެ ރަށުން ބޭރު ޒުވާނެކެވެ. ފިހުނު މީހުންނަށް ލިބުނު ގެއްލުމުގެ ތަފްސީލް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އެ ތިން މީހުންނަށްވެސް އަންނަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.