ރ. އަތޮޅު ކައުންސިލުން ފަލަސްޠީނަށް 1 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަދިޔާ ކުރަން ނިންމައިފިއެވެ.

ފަލަސްޠީން ފަންޑަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ހަދިޔާކުރަން ނިންމިކަން އިޢުލާންކުރީ ރ. އަތޮޅު ކައުންސިލް ހޭންޑްބޯލް މުބާރާތް 2023 ގެ ފައިނަލް މެޗް ފެށުމުގެކުރިން ވާހަކަ ދައްކަވަމުން ރ. އަތޮޅު ކައުންސިލްގެ ރައީސް ޙުސެން ނާޞިފްއެވެ. ނާޞިފް ވިދާޅުވީ ޖުމްލަ 1،05،179 (އެއްލައްކަ ފަސް ހާސް އެއްސަތޭކަ ހަތްދިހަ ނުވަ) ރުފިޔާ ފަލަސްޠީނަށް ހަދިޔާ ކުރުމަށް ނިންމާފައިވވާ ކަމަށެވެ.

މިއީ ހޭންޑްބޯލް މުބާރާތުގެ މެޗުތައް ކުރިއަށް ދިޔައިރު ބެހެއްޓުނު ފަންޑު ފޮށްޓަށް ޖަމާވި 5،179 ރުފިޔާގެ އިތުރުން ރ. އަތޮޅު ކައުންސިލުން ހަދިޔާ ކުރުމަށް ނިންމި 100،000 ރުފިޔާއެވެ.

ރ. އަތޮޅު ހޭންޑްބޯލް މުބާރާތުގެ މެޗްތައް ކުރިޔަށް ދިޔައިރު ދަނޑު ވަށައިގެން ފަލަސްޠީނުގެ ދިދަ ދަމާ، ރ. އަތޮޅުގެ ރައްޔިތުން ފަލަސްޠީންގެ މުސްލިމުންނާއެކު ތިބިކަން ވަނީ ހާމާކޮށްފައެވެ.

އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތަކުގައި ފަލަސްތީނުގެ ގިނަ ބަޔަކު މަގުމަތިވެފައިވާ އިރު، މިލިއަނަކަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އިސްރާއީލުން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކަށް މަހަކަށް ވުރެ ގިނަ ދުވަސްވީ އިރު ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 10،812 އަށް އަރާފައެވެ.