މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާ އިރު އެ ރަށުގެ ސަރަހައްދުތައް ބަންދުކޮށް ބެނާ ފަދަ ތަކެތި ނަގާ، ރަށުގައި ޤާއިމްވެފައި އޮތް އަމަން އަމާންކަން ގެއްލޭފަދަ ކަންކަން ނުކުރުމަށް އަންގާ މާކުރަތު ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.
ކައުންސިލްގެ ކުއްލި ޖަލްސާއެއް އެޖެންޑާކޮށް ހުށަހަޅައި މި ގަރާރު ފާސްކުރީ ކައުންސިލްގައި ހިމެނޭ 5 މެމްބަރުންގެ އިއްތިފާޤުންނެވެ.
މާކުރަތު ކައުންސިލްގެ ގަރާރުގައި ވާގޮތުން ރައީސް ސޯލިހް ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާއިރު ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅައި، ރައްޔިތުންގެ އަޑު ކަނޑުވާލާ، އިދިކޮޅު ފަރާތްތަކުން ދަމާފައި ހުންނަ ބެނާ ތަކާއި ލިޔުންތައް ފަދަ ތަކެތި ފުލުހުން މެދުވެރިކޮށް ނަގައި އާންމުރައްޔިތުންނާއި ފުލުހުންނާ ކުރިމަތިލާ ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ކަންކަން އަންނަނީ ހިންގަމުންނެވެ.
އެހެން ކަމުން އެ ކަންކަން ހަރުކަށި އިބާރާތުން މާކުރަތު ކައުންސިލުން ކުށްވެރި ކުރާ ކަމަށް ކައުންސިލްގެ ގަރާރުގައި ބުނެފައިވެއެވެ.
ކައުންސިލްގެ ގަރާރުގައި އިތުރަށް ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުން ލިބިދޭ ބާރުގެ ދަށުން އެ ރަށެއްގެ އަމަންއަމާންކަން ބެލެހެއްޓުމާއި ރަށުގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރި ގޮތުގައި ކުރިއަށް ގެންދިއުމަކީ ކައުންސިލްތަކުން ކުރުން ލާޒިމް ކަމަކަށްވާތީ، މާކުރަތުގައި އޮތް ސުލްހަސްލަސްކަން ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި، ލާމަރުކަޒީ ގާނޫނުގެ 22 ވަނަ މާއްދާގައި ބުނާ ރަށު ކައުންސިލްތަކުގެ ބާރުތަކުގެ ތެރެއިން، މާކުރަތުގެ އިހުތިސާސްގައި ހިމެނޭ އެއްވެސް ސަރަހައްދެއްގައި، އިސްލާމް ދީނާ ހިލާފު ނުވާގޮތަށް ރައްޔިތުން ބަސް އިއްވުމަށް ދަމާފައި ހުންނަ ބެނާތައް ނެގުމާއި، އެއްވެސް ސަރަހައްދެއް ބަންދުކޮށް ފުލުހުންގެ ކޯޑަން ޓޭޕް ދަމާ އާންމު ރައްޔިތުންނަށް ނުވަދެވޭނެހެން ހެދޭނީ އެ ކައުންސިލްގެ ހުއްދަ ލިބިގެން ކަމަށެވެ.
މާކުރަތު ކައުންސިލްގައި ހިމެނެނީ އިދިކޮޅު ޕީޕީއެމްގެ 3 މެމްބަރުންނާއި އަމިއްލަ 2 މެމްބަރުންނެވެ.