ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީހަށް ބަލާއިރު، ހަގީގީ މާނާގައި މިނިވަންކަން ލިބުނީ މި ފަސް އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު ކަމަށެވެ.
"ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރު. ހާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު. ދާހިލީ މިނިވަންކަން އެންމެ ފުޅާ ގޮތެއްގައި ލިބިދެވުނު ފަސް އަހަރު. ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މިނިވަންކަމުގެ ހަގީގީ އުފަލަކީ، އެމީހެއްގެ ޒާތަށް ލިބެން ޖެހޭ މިނިވަންކަން ހާސިލުވުމުގެ އުފަލެވެ. މިނިވަންކަން މަތީގައި ގައުމު ދެމިއޮތަސް، ގައުމީ ދިދައިގެ ހިޔަލުގައި އުޅޭ ރައްޔިތުންގެ ޒާތަށް ލިބެން ޖެހޭ މިނިވަންކަމަކީ މުޅިން ތަފާތުކަން ފާހަގަކުރެއްވި އެވެ. އެއީ އެ ފަރުދެއްގެ ދިރިހުރުމާއި ދިރިއުޅުމުގެ ހައްގާ ގުޅިފައިވާ އަސާސީ އަދި ޒަރޫރީ ބޭނުންތައް ފިލުވޭނެ ގޮތް، ހަމަ ކޮންމެ ރައްޔިތަކަށް ދައުލަތުގެ ފަރާތުން ހަމަޖައްސައިދީފައި އޮންނަ އޮތުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިވަން ދުވަސް ފާހަގަ ކުރާއިރު، މާދަމާ އަތުލަން ބޭނުންވާ މަންޒިލަކީ ކޮބައިތޯ ވިސްނާލުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހިން އެދިއެދި ތިބި މަންޒިލަކީ 21 ގަރުނުގެ ތަރައްގީ ކަމަށާއި އެ މަންޒިލާ ދިވެހިންނާ ދެމެދަށް ހުރަސްވެފައި އޮތީ، ދިވެހިން އުޅެންޖެހިފައިވާ ހާލަތު ކަމަށެވެ.
"މާތް ﷲ ގެ ހެޔޮ ރަހްމަތްފުޅުން މި ފިޔަވަޅު މަތީގައި ހުރެ އަޅުގަނޑު ދަންނަވަން އޮތީ އިލްމު އުނގެނުމަށް މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ނުލިބޭ ދިވެހި ދަރިޔަކު ވެސް މިހާރު ނުހުންނާނެ." ރައީސް ވިދާޅުވިއެވެ.